އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ 193 ބޭސް ފިހާރަ، ސަރުކާރުގެ ބޭސް ކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލްސްގެ ދަށަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗްގައި މުޅިން އަލަށް ހުޅުވި ފާމަސީއާއެކު ޖުމްލަ 194 ފާމަސީއެއްގެ ހިންގުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވާނެއެވެ. މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން، އެތަންތަނަށް ބޭނުންވާ ސަޕްލައިތައް ހަމަކުރުމާއި އިލެކްޓްރޯނިކް ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.
މި ބަދަލާއެކު ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެގޮތުން، ފާމަސީތަކުގައި ބޭސް ހުރި މިންވަރު ވަގުތުން ބަލާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އާންމުންނަށް ބޭހުގެ މައުލޫމާތާއި އަގުތައް ފަސޭހައިން ބަލާލެވޭނެ ހާއްސަ ޕޯޓަލްއެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީއަށް ގިނަވެގެން ދެ ހަފްތާ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. އަދި މި ނިޒާމުގެ ސަބަބުން ހެލްތު މިނިސްޓްރީއާއި ރެގިއުލޭޓަރީ އިދާރާތަކަށް ބޭސް ބޭނުންވާ މިންވަރު ދުރާލާ އަންދާޒާކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން މިހާރުވެސް އަންނަނީ ހޮޓްލައިން 1050 މެދުވެރިކޮށް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންނެވެ. އަދި އާސަންދައިން ނުލިބޭ ބޭސްތައް އިޖުތިމާއީ އެހީގެ ތެރެއިން ހޯދައިދިނުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރެއެވެ. ސަރުކާރުން ގެންނަ މި މުހިންމު ބަދަލާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ