އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ވާޑު ނަން އަނބުރާ ގެންދަވައި، މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ވާޑު ނަން އަނބުރާ ގެންދަވައި، މީކާއީލަށް ތާއީދު ކުރަން ނިންމައިފި

Author
އަހުމަދު
04 ޖޫން 2026 09:48
0

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަނުކުރައްވައި، މީކާއީލް އަހުމަދު ނަސީމަށް ތާއީދުކުރަން އިބްރާހީމް މުހައްމަދު (ވާޑު) ނިންމަވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުން ވަކިވެވަޑައިގަންނަވާކަން އިއުލާނުކުރައްވަމުން ވާޑު ވިދާޅުވީ، ޕާޓީގެ ލީޑާޝިޕަށް މިހާރު ބޭނުންވަނީ ޒުވާން ލޭ ކަމަށެވެ. ވާޑު އިންތިހާބުން ފެޔަށް ޖެހިވަޑައިގަތުމާއެކު، ދެން މި މަގާމަށް ވާދަކުރައްވާނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ދެބޭފުޅުންގެ ދެމެދުގައި އިންތިހާބުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ.

މި އިންތިހާބުގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު، މީކާއީލްގެ ފަހަތްޕުޅުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. އަދި ރައީސް ނަޝީދާއެކު ކެމްޕޭނުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވަނީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ހުރިހާ ކަމެއް ރާވައި ހިންގުމުގެ އެންމެ އިސް ފަރާތެވެ. އޭގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާ މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް އިންތިޒާމު ކުރުމުގެ އިތުރުން ޕާޓީގެ އިދާރީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.