ބާކީ އެއް މެޗު އޮއްވައި، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ގދ. ގައްދޫ އިން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ޕްލޭއޮފްގެ ފަހު ޖާގަ އެޓީމުން ކަށަވަރުކޮށްފިއެވެ.
އަމިއްލަ ރަށުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސ. ފޭދޫގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރިހޯދައި ގައްދޫން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓް އެއްކޮށްފައެވެ. ލީގުގެ ދެވަނައިގައި 10 ޕޮއިންޓާއެކު ލ. ގަން އޮތްއިރު، ފޭދުއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ފުލުގައި އޮތް ލ. ކުނަހަންދުއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި ލީގުގައި ދެން ބާކީ އޮންނާނީ ގައްދޫގައި ކުޅޭ ގައްދުއާއި ގަން ބައްދަލުކުރާ ފަހު މެޗެވެ.
އެފްއޭއެމްގެ އާ ފުޓްބޯޅަ އޮނިގަނޑުގެ ދަށުން ރީޖަނަލް ހަތަރު ލީގަކީ ރާއްޖޭގެ ދެވަނަ ޑިވިޝަނެވެ. ދެކުނު ލީގުގެ ކާމިޔާބީއާއެކު ގައްދޫން ޕްލޭއޮފަށް ދަތުރުކުރިއިރު، ދެން މި ބުރުގައި ވާދަކުރާނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފުލަށްދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، ސެންޓްރަލް ލީގުގެ ޗެމްޕިއަން ކ. ހުރާ އަދި މާލޭ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
މި ހަ ޓީމު ވާދަކުރާ ޕްލޭއޮފްގެ ތެރެއިން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް 2026/2027 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ. އަންނަ ސީޒަނުގައި ޖުމްލަ 10 ޓީމު ވާދަކުރާއިރު، މިހާރު ލީގުން ޖާގަ ކަށަވަރުކޮށްފައިވާ އަނެއް ހަ ޓީމަކީ މި ސީޒަނުގެ ގަދަ ހައެއް ކަމަށްވާ މާޒިޔާ، އޮޑި ސްޕޯޓްސް، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް، އީގަލްސް އަދި ވިކްޓަރީއެވެ.
ކޮމެންޓު ފޮނުވާ