3 ރައީސުން ފެއްޓެވި ހަރަކާތަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ރުހުން ދީފި

3 ރައީސުން ފެއްޓެވި ހަރަކާތަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ރުހުން ދީފި

Author
އަހުމަދު
19 މެއި 2026 08:29
0

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް، ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ފައްޓަވާފައިވާ އިދިކޮޅު ހަރަކާތުގައި ބައިވެރިވެ، އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން މިކަން ފާސްކުރީ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ތާއީދުކުރެއްވި ގަރާރަކުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ބޭފުޅުންނަކީ ތިން ރައީސުންގެ ހަރަކާތް ހިންގުމަށް އެކުލަވާލި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މަންދޫބުންނެވެ. އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އީވާ އަބްދުﷲ، ރައީސް ޔާމީންގެ ފަރާތްޕުޅުން މުހައްމަދު މަލީހް ޖަމާލާއި އިސްމާއިލް ޒަރިޔަންދު، އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަތުމާއި، މަޖިލީހާއި ޝަރުއީ ނިޒާމު އަދި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ސަރުކާރުން ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން، އިގުތިސޯދު ހީނަރުވެ ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމަށް ހުރަސްއަޅައި ނޫސް އިދާރާތައް ރެއިޑްކޮށް ނޫސްވެރިންނާއި މުޒާހަރާކުރާ މީހުން ޖަލަށްލުން ފަދަ ކަންކަން ގަރާރުގައި ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން ފައްޓަވާފައިވާ މި ހަރަކާތުގެ އެންމެ ބޮޑު އަމާޒަކީ ގެއްލިފައިވާ ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ އިއާދަކުރުމަށް މަސައްކަތްކުރުމެވެ. މި ބޭފުޅުން ވަނީ އެ ބޭފުޅުންގެ ވެރިކަމުގައި ވެސް ކަންކަން އެންމެ ފުރިހަމަ ނޫންކަމަށް އެއްބަސްވެވަޑައިގެން، ނަމަވެސް މިހާރުގެ ސަރުކާރުގެ މިސްރާބު މާ ބޮޑަށް ގޯސްވެފައިވާކަން ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.