މޭޔަރު އާޒިމަށް އަމާޒުކޮށް ދިން ޙަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި

މޭޔަރު އާޒިމަށް އަމާޒުކޮށް ދިން ޙަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި

Author
އަހުމަދު
25 އޭޕްރިލް 2026 10:52
0

އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ޙަމަލާ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި ޙަމަލާ ދީފައިވަނީ މުޒާހަރާގެ ބައިވެރިންނާއެކު އާޒިމް ކުރިއަށް ވަޑައިގަންނަވަނިކޮށް، ކުރިމަތިން އައި މީހަކު އޭނާގެ މޭމަތީގައި އަތްއަޅައި ކޮށްޕާލުމުންނެވެ. އެވަގުތު އާޒިމްގެ އަރިހުގައި ތިބި މީހުން ވަނީ އެމީހާ ހުއްޓުވާފައެވެ. މިކަމާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، މިއީ ސަރުކާރުން ރާވައިގެން ގްރޫޕަކުން ދިން ޙަމަލާއެއް ކަމަށާއި، މޭމަތީގައި ޖެހުމުގެ ސަބަބުން ރިހުން ހުރި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވަނީ، މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދީ، މި މައްސަލަ ވީއެންމެ އަވަހަކަށް ތަޙުޤީޤު ކުރުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި، ސިޔާސީ ޙަރަކާތްތައް ހިންގުމަކީ ޤާނޫނުއަސާސީން އެންމެހައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވާއިރު، އެފަދަ ޙަރަކާތްތަކަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކުގެ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޭޔަރަށް ދިން މި ޙަމަލާ ގިނަ ބަޔަކު ކުށްވެރިކުރަމުންދާއިރު، މިކަން ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.