ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މަކަރާއި ހީލަތުގެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި 42 ދައުވާ ސާބިތުނުވާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފުކޮށް ހައިކޯޓުގައި އެދިފައިވަނީ، ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، ކުށުގެ އުންސުރުތައް މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެއީ މަދަނީ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، އައްމަޓީގެ މައްޗަށް ދައުވާތައް ސާބިތުވާކަމަށް ނިންމައިދިނުމަށްވެސް ދައުލަތުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން، އިސްތިއުނާފީ މަރުހަލާ ނިމެންދެން އައްމަޓީ ރާއްޖެއިން ފުރުން މަނާކުރުމަށް ޕީޖީން އެދުމާ ގުޅިގެން، ހައިކޯޓުން އިއްޔެ ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރެއްވެސް ނެރެފަ އެވެ.
އައްމަޓީގެ މައްޗަށް މި ދައުވާތައް އުފުލީ، އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން އެ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
ކޮމެންޓު ފޮނުވާ