އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަށް ލަފާދޭން އިސް ލީޑަރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަށް ލަފާދޭން އިސް ލީޑަރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފި

Author
އަހުމަދު
11 އޭޕްރިލް 2026 11:28
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދިނުމަށްޓަކައި، އެ ޕާޓީގެ ގައުމީ މަޖިލީހުން ޚާއްސަ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ސީދާ ގަޕޯއެވެ. ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތި ފާސްކުރި 6 މެމްބަރުންގެ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޓީގެ މައިގަނޑު މަސްއޫލިޔަތަކީ ޕާޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމާއި ސިޔާސީ ނިންމުންތައް ނިންމުމުގައި ވަގުތީ ޗެއާޕާސަނަށް ލަފާދީ މަގުދައްކައިދިނުމެވެ. ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ކޮމިޓީ ދެމިއޮންނާނީ އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެންނެވެ.

މިފަދަ ކޮމިޓީއެއް އެކުލަވާލާފައި މިވަނީ، އެމްޑީޕީގެ އެތެރޭގައި ބޮޑެތި ނުތަނަވަސްކަންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަތައް ފެންމަތިވީ، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދެއްވުމަށް ވަގުތީ ޗެއާޕާސަން ނިންމެވުމާ ގުޅިގެންނެވެ.

ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އެކި ފެކްޝަންތަކުގެ ލީޑަރުން ހިމެނޭ ގޮތަށް މި އިންތިގާލީ ކޮމިޓީ އެކުލަވާލުމަކީ ޕާޓީގެ އިސް ލީޑަޝިޕްގެ މެދުގައި ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހު، މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ނިންމި ވަރަށް މުހިންމު ނިންމުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.