ސީލައިފްގެ އަންމަޓީގެ މައްޗަށް ކުރި 42 ދައުވާ ސާބިތުނުވި، މައްސަލަ އިސްތިއުނާފު ކުރަނީ

ސީލައިފްގެ އަންމަޓީގެ މައްޗަށް ކުރި 42 ދައުވާ ސާބިތުނުވި، މައްސަލަ އިސްތިއުނާފު ކުރަނީ

Author
އަހުމަދު
09 އޭޕްރިލް 2026 03:57
0

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ މައްޗަށް އުފުލި ޚިޔާނާތުގެ 42 ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން، އެ މަސައްކަތް ނުކޮށް ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުވާ އުފުލީ 2021 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް، މި މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައެޅުއްވީ މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއް ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އަންމަޓީގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ހުރިހާ އުންސުރުތަކެއް ފުރިހަމަވާ ދައުވާތަކެއް ކަމަށެވެ. އަދި ކޯޓުން މިއީ މަދަނީ މައްސަލައެއްކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތްކުރުމެއް ނެތި، އަދި ޤާނޫނުގައި އެ ކުށް ބަޔާންކޮށްފައިވާ ގޮތް ރަނގަޅަށް މާނަނުކޮށް ކަމަށް އެ އޮފީހުން ދެކެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން ގަބޫލުނުކުރެވޭތީ، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ގަސްދުކުރާކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.