ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ. މިއާއެކު މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ރިޒާވް އިތުރަށް ވަރުގަދަކުރުން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި މަހުގެ 8 ވަނަ ދުވަހަށް މުއްދަތު ހަމަވާ މި ސުކޫކުގެ ފައިސާ ސަރުކާރުން ދައްކާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، މި ބޮޑު ދަރަނި އަދާކުރުމަށް ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި (އެސްޑީއެފް) ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އާއި ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް މިހާރުވެސް ތަންފީޒުކުރަމުންދާ ކަމަށެވެ. ޚާއްސަކޮށް 2024 ވަނަ އަހަރު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާވެ، ދަރަނި ދެއްކުމަށް ވަރަށް ބޮޑު ކުރިއެރުމަކާއި ލުޔެއް ލިބިގެންދިޔަ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
މި މުހިންމު އިސްތިރާޖީ ބަދަލުތައް ގެނެވިފައިވަނީ ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އެމްއެމްއޭ ގުޅިގެން ކުރި މަސައްކަތުންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ މާލީ އަދި މަނިޓަރީ ހަމަޖެހުން ގާއިމުކޮށް، ބޭރު ފައިސާގެ ބާޒާރުގައި ފައިސާ ދައުރުވާ މިންވަރު އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓުމަކީ އެމްއެމްއޭއިން އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާ ގުޅިގެން، ރިޒާވް އިތުރުކުރުމުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މަރުކަޒީ ބޭންކުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ