ފަތުރުވެރިކަމުގެ ދާއިރާއަށް 365 މިލިއަން ޑޮލަރުގެ އައު ލޯނު ދޫކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް 365 މިލިއަން ޑޮލަރުގެ އައު ލޯނު ދޫކޮށްފި

Author
ހުސައިން
03 އޭޕްރިލް 2026 10:42
0

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 365 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.6 ބިލިއަން ރުފިޔާ) ގެ އައު ލޯނު ދޫކޮށްފައިވާކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަލަށް 90 އޭޓީއެމް އާއި 6 ބްރާންޗް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި މި ސިނާއަތަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާގުޅޭ މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ގުޅިގެން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ބޭންކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން، މިދިޔަ ބުދަ ދުވަހު ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވެސް ވަނީ ދީފައެވެ. އެގޮތުން އެ ސިނާއަތުގެ ކުރިއެރުމާއި ހަމަޖެހުން ގާއިމުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށް ވާއިރު، ބޭންކުގެ އަމާޒަކީ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.