ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްވިފްޓުން ސަސްޕެންޑުކޮށް، ކްރޮސްބޯޑާ ޕޭމަންޓްތައް ނުހެދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ފޭސް 1 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ބީއެމްއެލް އިން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތް ކަމަށާއި ޓީޓީ ފަދަ މުއާމަލާތްތައް ނުކުރެވޭ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ބޭންކާއި ރާއްޖޭގެ އިގުތިސާދަށް ގެއްލުން ދިނުމުގެ ބޭނުމުގައި ބަޔަކު ކުރާ ކަމެއް ކަމަށެވެ. ސްވިފްޓުން ބޭންކް ސަސްޕެންޑް ކޮށްފައި ނުވާނެ ކަމަށާއި، ބޭރު ފައިސާގެ ލިކުއިޑިޓީއާއި ނޮސްޓްރޯ އެކައުންޓްތަކުގައި ހުންނަންޖެހޭ މިންވަރަށް ފައިސާ އެބަހުރި ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ބޭންކުގެ ކްރޮސްބޯޑާ ޕޭމަންޓްސް އާއި ކާޑުގެ ހިދުމަތްތަކުގެ އިތުރުން ޓީޓީގެ ހިދުމަތްތައް ވެސް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ނޮސްޓްރޯ އެކައުންޓުގައި ފައިސާ ނެތްނަމަ އިންޓަނޭޝަނަލް ޕޭމަންޓްސްގެ އެއްވެސް ހިދުމަތެއް ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ މަސްރަހު މިހާރު އޮތް ނާޒުކު ދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ބޭންކާއި ކަސްޓަމަރުންނާ ދެމެދު އޮންނަ އިތުބާރު ގެއްލުވާލައި ނުބައި ތަސައްވުރެއް އުފައްދަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، ބީއެމްއެލް ނުވަތަ މަރުކަޒީ ބޭންކް (އެމްއެމްއޭ) ފަދަ ރަސްމީ އިދާރާތަކުން ދޭ މައުލޫމާތަށް ނޫނީ ބަރޯސާ ނުވުމަށް އޭނާ ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް ހުޅުމާލޭގެ ފޭސް 1 އަދި 3 ގެ އިތުރުން ވިލިމާލޭގައި ޖުމްލަ 3،800 ފްލެޓް އިމާރާތް ކުރުމަށް ވަނީ ނިންމައިފަ އެވެ.
ކޮމެންޓު ފޮނުވާ