ގ. ހިޔާ ރޯދި ގޭގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ޒުވާނަކު ބަންދުކޮށްފި

ގ. ހިޔާ ރޯދި ގޭގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ޒުވާނަކު ބަންދުކޮށްފި

Author
އަހުމަދު
23 މާރޗް 2026 09:29
0

މާލޭގެ ގަލޮޅު ހުވަފެނީ ގޯޅީގައި ހުންނަ ގ. ހިޔާ ރޯދި ގޭގައި ގަސްދުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ޙުސައިން ޝަޙްބާންއެވެ. އޭނާގެ މައްޗަށް ކުރެވޭ ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. ތަޙުޤީޤުކުރާ ފަރާތުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، ހާދިސާ ހިނގުމުގެ ކުރިން ޝަޙްބާން އެ ގެއަށް ވަދެ ނުކުމެގެން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކާއި ޓައިމްލައިން ރިޕޯޓުތައް ހިމެނެއެވެ.

ޝަޙްބާން މުޖުތަމަޢަށް ދޫކޮށްލައިފިނަމަ ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަހުގެ ކުރު މުއްދަތެއް ދިނީ ވަކީލަކު އައްޔަންކުރުމަށް އޭނާ ބޭނުންވުމާ ގުޅިގެން އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މީހުން ދިރިނޫޅޭ ފަޅު ގެއެއް ކަމަށްވާ ގ. ހިޔާ ރޯދި ގޭގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:47 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެތައް އިރެއްގެ މަސައްކަތުން އެ ދުވަހުގެ މެންދުރުފަހު 14:02 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.