ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިޒްރޭލް ސަސްޕެންޑްކުރުމަށް އެދި ހުށަހެޅި މައްސަލައިގައި، ފީފާއިން އިޒްރޭލް ސަސްޕެންޑްކުރުމަށް ދެކޮޅުހަދައި، ވަރަށް ލުއި އަދަބަކުން މައްސަލަ ނިންމާލައިފިއެވެ.
ފަލަސްތީނުގެ ބިމަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކާ ގުޅިގެން، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަލަސްތީނުން ފީފާއަށް މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި މައްސަލަ ބެލުމަށްފަހު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އިޒްރޭލުން ފީފާގެ އަސާސީ ގަވާއިދުތަކާ ޚިލާފުވެފައިވާކަން ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ފަލަސްތީނާ ދެކޮޅަށް ނަސްލީ ތަފާތުކުރުންތައް ގެންގުޅުމާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދިނުން ފަދަ ކަންކަން ހިމެނެއެވެ.
މިފަދަ ބޮޑެތި ކުށްތަކެއް ސާބިތުވި ނަމަވެސް، ފީފާއިން ނިންމީ އިޒްރޭލަށް ވަރަށް ކުޑަ އަދަބެއް ދިނުމަށެވެ. އެގޮތުން، އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަން 190،700 ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިޒްރޭލުން އަމިއްލަ ގައުމުގައި ކުޅޭ ކުރިއަށް އޮތް ފީފާގެ ތިން މެޗެއްގައި "ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް – ނޯ ޓު ޑިސްކްރިމިނޭޝަން" ލިޔެފައިވާ ބެނާއެއް ދަނޑުގައި އެންމެންނަށް ފެންނާނެހެން ދެމުމަށްވެސް ވަނީ އަންގާފައެވެ.
ފީފާގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ އިދާރާއަށް އަމާޒުވެފައެވެ. ޚާއްޞަކޮށް، ރަޝީއާއިން ޔުކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަޝިއާ ސަސްޕެންޑްކުރި ނަމަވެސް، އިޒްރޭލުން ހިންގާ ގަތުލުއާންމުތަކާމެދު ފީފާއިން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތަކީ އިންސާފުވެރިކަމެއް ނެތް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ