މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި ޕަބްލިކް ފެރީތަކުގެ އިތުރުން މަސްވެރިންނަށް ކުރިންވެސް ހުރި އަގުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަމަޖައްސައިފި އެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން ކުރިން ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ "ފަހިހަކަތަ" ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ސަބްސިޑީ އަގުގައި ތެޔޮ ފޯރުކޮށްދިނުން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ޝެޑްތަކުންނާއި، އަތޮޅުތެރޭގައި އެސްޓީއޯ މެދުވެރިކޮށް ތެޔޮ ވިއްކާ ޝެޑްތަކުންވެސް އާންމުންނަށް ތެޔޮ ލިބޭނީ އަގަށް ބަދަލެއް ނުގެނެސް ކަމަށް ބުނެފައިވެ އެވެ. މިހާރު މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެން ހުރީ 17.54 ރުފިޔާއަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް އޭގެ ބުރަ ކުޑަކުރުމަށް ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ އެސްޓީއޯއަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ 1.5 ބިލިއަން ރުފިޔާގެ ފައިދާގެ ތެރެއިން ބައެއް ބޭނުންކޮށްގެން ކްރޮސް ސަބްސިޑައިޒް ކުރުމެވެ. މީގެ ބޭނުމަކީ ބޮޑުވަމުންދާ ތެލުގެ އަގު އެބްޒޯބްކޮށް، އާންމުންނަށް މާލީ ގޮތުން އިތުރު ތަކުލީފަކަށް ނުވާނެހެން ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯއިން ތެލުގެ އަގު ކަނޑައަޅަނީ ހަމައެކަނި ދުވަހުން ދުވަހަށް އަންނަ ބަދަލުތަކަށް ބަލައިގެން ނޫން ކަމަށާއި، އެއީ އެވްރެޖް އަގުތަކަށް ބިނާކޮށްގެން ކުރާ ކަމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ