ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު، ރާއްޖޭގެ އެކި މުއައްސަސާތަކަށާއި ކޮލެޖުތަކުގެ އިތުރުން ދީނީ އެކި އިދާރާތަކަށް ބަހައިފިއެވެ.
މި ކަދުރުތަކާ ރާއްޖޭގެ ފަރާތުން ރަސްމީކޮށް ހަވާލުވުމަށް އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ސަޢުދީ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ އިތުރުން މުޅި ސަޢުދީ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ހަމައެއާއެކު، ސަޢުދީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚްގެ އިސްލާމީ ޚިދުމަތްތަކަށް ތަޢުރީފުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ކުރަމުންދާ މުހިންމު މަސައްކަތްތަކަށްވެސް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ