ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ދަސްވެނިވި 31 ހާފިޒުންނަށް ސަނަދު ހަވާލުކުރުމާއި، ޖުމްލަ 50 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި ރަސްމިއްޔާތުގައި ހާފިޒުންނަށް ސަނަދާއި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިރޭ ދަސްވެނިވި 31 ހާފިޒުންގެ ތެރޭގައި 19 ފިރިހެނުންނާއި 12 އަންހެނުން ހިމެނޭއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވި ފަހަރެވެ. މިރޭގެ ދަސްވެނިންގެ އުމުރުފުރައަށް ބަލާއިރު، 12 އަހަރާއި 23 އަހަރާއި ދެމެދުގެ 21 ފަރާތަކާއި، 21 އަހަރުން މަތީގެ އަށް ފަރާތެއް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދަސްވެނިންގެ ހިތްވަރަށް ތައުރީފު ކުރައްވާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިރޭ ދަސްވެނިވި ފަރާތްތަކުގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި، ވަޒީފާގެ މައިދާނުގައި އުޅެމުން ޤުރްއާން ހިތުދަސްކުރި ފަރާތްތައް ހިމެނެއެވެ. ސްކޫލް ކުދިން ވަރަށް ވަރުގަދަ އަޒުމަކާއެކު މަސައްކަތްކޮށްފައިވާ ކަމަށާއި، ހަމައެހެންމެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން ވެސް ކުރީ ވަރަށް ބުރަ "ޖިހާދެއް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވަމުން އަންނާތީ، އެކަން ފާހަގަކުރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގެ ވަކި ޚާއްސަ ހަފްލާއެއް ބާއްވަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވި ހަފްލާގައި 24 ހާފިޒަކަށް ސަނަދު ދީފައިވާއިރު، މި އަހަރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ވެސް 1873 ދަރިވަރުން އަންނަނީ ޤުރްއާން ހިތުދަސްކުރަމުންނެވެ. އަދި މީގެ ތެރެއިން ގިނަ ދަރިވަރުން ހިފްޒު ކުލާސްތައް ފުރިހަމަ ކުރަމުންދަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައެވެ.
ކޮމެންޓު ފޮނުވާ