ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަޙްމަދު ނިމާލް، ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް ނިމާލް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ސްޓްރޯކެއް ޖެހުމާ ގުޅިގެންނެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނިމާލްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ މެސެޖުގައި، ތަމްސީލުކުޅުމުގެ ރޮނގުން ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ނިމާލްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
ފިލްމީ ދާއިރާއަށް ނިމާލް ތަޢާރަފުވެވަޑައިގަތީ 1984 ވަނަ އަހަރު ނުކުތް ފިލްމު "ނުފޫޒު" އިންނެވެ. އޭގެ ފަހުން ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށް، އެތައް ތަމްސީލަކާއި ޕްރޮގްރާމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެއްވާފައިވެއެވެ. މި ދާއިރާއިން އޭނާ ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، 1991 ވަނަ އަހަރު ސަރުކާރުން ވަނީ އޭނާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވެސް އަރުވާފައެވެ.
ކޮމެންޓު ފޮނުވާ