އެމޭޒަން އާއި އަލީއެކްސްޕްރެސް ބްލޮކް ނުކުރާކަމަށާއި، މައްސަލައަކީ ލިމިޓް ހަމަވުންކަމަށް ބީއެމްއެލްއިން ބުނެފި

އެމޭޒަން އާއި އަލީއެކްސްޕްރެސް ބްލޮކް ނުކުރާކަމަށާއި، މައްސަލައަކީ ލިމިޓް ހަމަވުންކަމަށް ބީއެމްއެލްއިން ބުނެފި

Author
ޙަސަން މުޙައްމަދު
23 ފެބްރުއަރީ 2026 05:34
0

އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް ހުރަސް އަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި މުއާމަލާތްތައް ފެއިލްވަނީ ސައިޓުތައް ބްލޮކްކޮށްގެން ނޫން ކަމަށާއި، އެއީ ކާޑުގެ ލިމިޓް ހަމަވުމުން ދިމާވާ ކަމެެއް ކަމަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ވަކި ސައިޓަކަށް އަމާޒުކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ކަސްޓަމަރުންނަށް މުއާމަލާތް ނުކުރެވިގެން އުޅެނީ ކަނޑައެޅިފައިވާ މަހުގެ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވެފައި ވުމުން ނުވަތަ ލިމިޓަށްވުރެ އިތުރަށް ވިޔަފާރިކުރަން އުޅުމުންނެވެ. މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ބޭންކުން ވަނީ އެންމެ ފަހުގެ ތަފާސްހިސާބުތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި ހިނގާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސް މެދުވެރިކޮށް 58,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާކަން ބޭންކުން ފާހަގަކުރިއެވެ. މި މުއާމަލާތްތަކުގެ ޖުމުލަ އަގު 2.3 މިލިއަން ޑޮލަރަށް އަަރައެވެ.

މީގެއިތުރުން، އަމިއްލަ ފަރުދުން ބޭނުންކުރުމަށް ދޫކޮށްފައިވާ ކްރެޑިޓް އަދި ޑެބިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން އާދަޔާ ޚިލާފަށް އިތުރުވެފައިވާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އަދި ބައެއް ކަސްޓަމަރުން އެމީހުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަށް މުއާމަލާތް ކުރަން މަސައްކަތްކުރާކަން ފާހަގަވެފައިވާތީ، ވިޔަފާރި މުދާ އެތެރެކުރުމަށާއި ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރުމަށް "ބިޒްނަސް ބޭންކިންގ" ގެ ޚިދުމަތްތައް ބޭނުންކުރުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭން ބޭރުގައި ކާޑު ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2023 ވަނަ އަހަރު 311 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 389 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި 2025 ވަނަ އަހަރު 524 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 59 މިލިއަން ޑޮލަރުގެ މުއާމަލާތް ކާޑުތަކުން ކޮށްފައިވެއެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ އާންމު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން ބޭސްފަރުވާއާއި ދަތުރުފަތުރަށް ޑެބިޓް ކާޑުން މަހަކު 3,000 ޑޮލަރު ލިބޭނެ ގޮތް ހަދާފައިވާއިރު، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑުތަކުގެ ލިމިޓްވެސް ވަނީ އިތުރުކޮށްދީފައެވެ. ނަމަވެސް އަމިއްލަ ކާޑުތައް ވިޔަފާރީގެ އުސޫލުން ބޭނުންކުރާނަމަ، ކަނޑައެޅިފައިވާ ލިމިޓްތައް އަވަހަށް ހަމަވެ، ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބޭންކުން އިންޒާރު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.