ހުކުރު ޚުތުބާ އަޑުއަހައިގެން ކުދިންނަށް އުމްރާ ދަތުރެއް ލިބޭ ކުއިޒެއް ފަށައިފި

ހުކުރު ޚުތުބާ އަޑުއަހައިގެން ކުދިންނަށް އުމްރާ ދަތުރެއް ލިބޭ ކުއިޒެއް ފަށައިފި

Author
ޙަސަން މުޙައްމަދު
23 ފެބްރުއަރީ 2026 03:29
0

ހުކުރު ޚުތުބާ އަޑުއެހުމަށް ކުދިން ޝައުޤުވެރިކުރުވުމުގެ ގޮތުން، އެކަމަށް ޚާއްސަ ކުއިޒެއް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި ކުއިޒުން އެއްވަނައަށް ދާ ކުދިންނަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އިފްތިތާހުކުރި "ހުކުރު ޚުތުބާ ކުއިޒް" އަމާޒުކޮށްފައިވަނީ އުމުރުން 7 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 އަހަރާއި 9 އަހަރު، 10 އަހަރާއި 12 އަހަރު އަދި 13 އަހަރާއި 15 އަހަރާއި ދެމެދު، މިގޮތަށް ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. ކޮންމެ އުމުރުފުރާއަކަށްވެސް ސުވާލުތައް ތައްޔާރުކޮށްފައި ހުންނާނީ އެ ކުދިންގެ އުމުރާ ގުޅޭގޮތަށެވެ. މި ކުއިޒްގައި ކޮންމެ އުމުރުފުރާއަކުންވެސް އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށް، އެއްވަނަ ހޯދާ ދަރިވަރަކަށް އުމްރާ ދަތުރެއް ލިބޭއިރު، ދެވަނައަށް ދާ ކުއްޖަކަށް 1000 ރުފިޔާ އަދި ތިންވަނައަށް ދާ ކުއްޖަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ޚާއްސަ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަން ޖެހޭއިރު، ކުއިޒް ކުރިއަށް ދާނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށެވެ. މިއީ "އޯޕަން ބުކް" އުސޫލުން ކުރިއަށް ގެންދާ ކުއިޒަކަށް ވާތީ، ޖަވާބު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓުން ޚުތުބާ ކިޔުމާއި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. ކޮންމެ ހަފްތާއަކުވެސް ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:00 އާ ހަމައަށް ކުއިޒް ހުޅުވާލާފައި ހުންނާނެއެވެ.

މި ކުއިޒްގެ މައިގަނޑު މަޤްޞަދަކީ ކުދިންގެ ހިތްތަކުގައި ޚުތުބާ އަޑުއެހުމަށް ޝައުޤު އުފެއްދުމާއި، ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތައް ދަސްކޮށްދީ ދީނީ މަޢުލޫމާތު މުއްސަނދި ކުރުމެވެ. އަދި އާއިލާގެ ތެރޭގައި ޚުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކޮށް، އާއިލީ ގުޅުން ބަދަހިކުރުމަކީވެސް މި ކުއިޒް ބޭއްވުމުގެ މުހިންމު ބޭނުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.