ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކިންގް ސަލްމާން މިސްކިތުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ މުބާރާތުގައި އެކި އިދާރާތަކުން ޖުމްލަ 21 އޮފީހަކުން 71 މުވައްޒަފުން ބައިވެރިވެ، ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 2016 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތެއް ނަމަވެސް، މިދިޔަ އަހަރުން ފެށިގެން މުބާރާތް އިންތިޒާމުކޮށް ހިންގަމުން އަންނަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އޮފީސްތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، އެކުވެރި މާހައުލެއްގައި ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފެއްދުމެވެ. މީގެ އިތުރުން، މި ބަރަކާތްތެރި ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެހެނިހެން ގިނަ ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ