މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް"، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ނަންވިދާލި ދެބެއިން ކަމަށްވާ މަޝްހޫރު ފުޓްބޯޅަ ތަރި މޫސާ މަނިކް (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ މުޙައްމަދު ނަދީމަށް ލިބިއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގައި ކުލަގަދަކޮށް ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހި ކުޅިވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މި ދެބެއިންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި މި ދެބެއިން ދައްކުވައިދީފައިވާ ނަމޫނާއާއި، ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު މަތިވެރި ޝަރަފެކެވެ.
މި އެވޯޑް ޙާސިލުކުރި ކުޑަމޫސައަކީ ރާއްޖެ ދުށް އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ، އަދި "ހަވީރު" ނޫހުން ހޮވި ގަރުނުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ޝަޚްސިއްޔަތެކެވެ. 1972 ވަނަ އަހަރު ނިއު ރޭޑިއަންޓުން ގައުމީ ފެންވަރުގެ ކުޅިވަރުގެ ތެރެއަށް ވަދެ، ފަހުން ވެލެންސިއާއަށްވެސް ކުޅުނު މޫސަގެ ހުނަރުވެރިކަން ހަމައެކަނި ފުޓްބޯޅައަކަށް ހުއްޓިފައެއް ނެތެވެ. އޭނާ ވަނީ ފުޓްބޯޅައިގެ އިތުރުން ވޮލީ، ހޮކީ، މަންޑި އަދި ބާސްކެޓް ބޯޅައިގައިވެސް އެއް ދުވަސްވަރެއްގައި ވާދަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ކުޅިވަރަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން މީގެ ކުރިން ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް އޭނާއަށް ދެއްވާފައެވެ.
ހަމައެއާއެކު، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު ނަދީމަކީވެސް ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅައިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ. އޭނާއަކީ 1994 ވަނަ އަހަރު ޖަޕާންގެ ހިރޮޝިމާގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ބީޗް ވޮލީ ޓީމުގެ މެމްބަރެކެވެ. ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައިވެސް ނަދީމް ވަނީ ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ވޮލީ ޓީމަށް އެކި ފަހަރުމަތިން ކޯޗުކަން ކޮށްދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ތަމްރީނުވި ގިނަ ކުޅުންތެރިންތަކެއް މިހާރު ތިބީ ރާއްޖޭގެ ވޮލީގެ އެންމެ މަތީ ފަންތީގެ ކޯޗުންގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ