މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025: ޝަރަފުވެރި އެވޯޑްތައް ރައީސް ހަވާލުކޮށްދެއްވައިފި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025: ޝަރަފުވެރި އެވޯޑްތައް ރައީސް ހަވާލުކޮށްދެއްވައިފި

Author
އަހުމަދު
16 ފެބްރުއަރީ 2026 06:35
0

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025″ ގެ އެންމެ ޝަރަފުވެރި އެވޯޑްތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަވާލުކޮށްދެއްވައިފިއެވެ.

މިރޭގެ މި ޚާއްޞަ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޅިވަރުގެ ދާއިރާއިން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ޙާޞިލުކުރެއްވި ދެ ބޭފުޅުން ކަމަށްވާ މޫސާ މަނިކު އަދި މުޙައްމަދު ނަދީމަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީން ހޮވި "ސްޕޯޓްސްވުމަން އޮފް ދި އިޔަރ" އަދި "ސްޕޯޓްސްމަން އޮފް ދި އިޔަރ" ގެ އެވޯޑުތައް ވެސް އެމަނިކުފާނު ވަނީ އެ އެތުލީޓުންނާ ހަވާލުކޮށްދެއްވާފައެވެ. އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ކާމިޔާބީ ޙާޞިލުކުރެއްވި ބޭފުޅުންނާއެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެން، އެކި ގިންތިތަކުން ވަނަތައް ހޯދި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވިއެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ޚިދުމަތްކޮށްދެއްވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލު ކަމަށްވާއިރު، މިރޭގެ ޙަފުލާގައި ފާހަގަކޮށްފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަކީ ޤައުމީ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.