މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުނުވުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އިސްލާމިކް މިނިސްޓްރީ މިއަދު ޖޫރިމަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ދެ ހުށަހެޅުމަކަށް އެ މިނިސްޓްރީން ޖަވާބު ދީފައިނުވާތީ، އެކަމުގެ ޝަކުވާ އައިކޮމްއަށް ހުށަހެޅުމާ ގުޅިގެން ބާއްވަން އުޅުނު ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީއެވެ. މި ކަމާ ގުޅިގެން މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ 700 ރުފިޔާއިންނެވެ.
އައިކޮމްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަންގާރަ ދުވަހަށެވެ. ނަމަވެސް މިނިސްޓްރީގެ އެދުމުގެ މަތިން އެ އަޑުއެހުން އިއްޔެއަށް ފަސްކޮށްދިނުމުން، އިއްޔެ ވެސް ހާޒިރުވެވެން ނެތްކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އެހެންކަމުން މިއަދަށް އަޑުއެހުން ތާވަލުކުރި ނަމަވެސް، އެއްވެސް ސަބަބެއް އެންގުމަކާ ނުލައި މިއަދުގެ ބައްދަލުވުމަށް ވެސް މިނިސްޓްރީން ހާޒިރުވެފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އައިކޮމްއިން ބުނެފައިވަނީ މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެޅުނު ހުރަހެއް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާގޮތުން، އައިކޮމް އިން ބާއްވާ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، އެ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އެކަން އަންގަން ޖެހެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވަނީ މި ގަވާއިދާ ޚިލާފަށް ކަމަށްވާތީ ފިޔަވަޅު އެޅީކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ