މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ (މަނަޑާ) ގެ ހިންގުމުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަގާމަށް މީހަކު ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެޖެންސީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ސީއީއޯގެ މުސާރަ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ ތައުލީމީ ފެންވަރާއި ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ. ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ އެޖެންސީގެ ބޯޑުގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އިދާރާ ހިންގުމާއި، ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މި އެޖެންސީއަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި ފުރަތަމަ އިޞްލާޙުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ޤާއިމުކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ތަނެކެވެ. މިދިޔަ އަހަރުގެ މެއި މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ބިލުގެ ދަށުން، މި އެޖެންސީ ރަސްމީކޮށް އުފައްދަވާފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ