ދެކުނަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި: މޫސުން އަލިވާނީ އަންގާރައިގެ ފަހުން

ދެކުނަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި: މޫސުން އަލިވާނީ އަންގާރައިގެ ފަހުން

Author
ޙަސަން މުޙައްމަދު
08 ފެބްރުއަރީ 2026 08:05
0

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެފައި ވީނަމަވެސް، މޫސުން އަލިވާން ފަށާނީ އަންގާރަ ދުވަހަށްފަހު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ 17:30 އިން މިރޭ 23:30 ގެ ނިޔަލަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.