ގޮނޑި ގެއްލޭ އިސްލާހަށް ފާޑު ވިދާޅުވެ ގާނޫނީ ފޮތެއް ނެރުއްވައިފި

ގޮނޑި ގެއްލޭ އިސްލާހަށް ފާޑު ވިދާޅުވެ ގާނޫނީ ފޮތެއް ނެރުއްވައިފި

Author
ޙަސަން މުޙައްމަދު
08 ފެބްރުއަރީ 2026 11:49
0

އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ގާނޫނުއަސާސީ އެކުލަވާލި އިރު ރައްޔިތުންނަށް ވީ ވައުދުތަކަށް ވެވުނު ބޮޑު "ބޭވަފާތެރިކަމެއް" ކަމަށް މަޝްހޫރު ގާނޫނީ މާހިރު ޑރ. ޝަމްޝުލްފަލާހް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ޝަމްޝުލްފަލާހް ވާހަކަދެއްކެވީ، 'ޑިފެކްޝަން މަނާކުރި ދުސްތޫރީ އިސްލާހުގެ ގާނޫނީ ތަންގީދު’ގެ ނަމުގައި އޭނާ ލިޔުއްވި ފޮތް ނެރުމަށް ރޭ މޫކާއީ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ލޯ އިންސްޓިޓިއުޓް އިން އިންތިޒާމުކުރި މި ހަފްލާގައި އޭނާ ވަނީ އެ އިސްލާހާ ގުޅޭގޮތުން ގާނޫނީ ނަޒަރަކުން ތަގުރީރެއް ދެއްވައި، އެ އިސްލާހުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޝަމްޝުލްފަލާހް ވިދާޅުވި ގޮތުގައި މި ފޮތް ލިޔުއްވުމުގެ ބޭނުމަކީ ދުސްތޫރީ ހައިޖާނެއް އުފެއްދުމެއް ނޫނެވެ. ނަމަވެސް، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ގެނައި މި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބުރޫއަރައި، ރައްޔިތުންނަށް ދައްކާފައިވާ ހުވަފެންތަކާއި އުންމީދުތައް ގެއްލިގެން ގޮސްފައިވާތީ، ގާނޫނީ ގޮތުން އެކަން ތަހުލީލުކޮށް ތަންގީދެއް ލިޔަން މަޖުބޫރުވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއީ "ގައިރު ދުސްތޫރީ" އިސްލާހެކެވެ.

މި އިސްލާހާ ދެކޮޅަށް އޭނާ ދެއްކެވި ސަބަބުތަކުގެ ތެރޭގައި، އެއްވެސް ޒަރޫރަތެއް ނެތި އަވަސްއަރުވާލައިގެން އިސްލާހު ފާސްކުރުމާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހަނިވެގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާނުކޮށް އޮއްވައި މިފަދަ ބާރެއް ދިނުމުން، ޕާޓީތަކުގެ ވެރިންގެ ނުފޫޒު މެންބަރުންގެ މައްޗަށް ގަދަވެ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގާބިލުކަން މަޖިލީހުން ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.

ޖުމުލަ 150 ސަފްހާގެ މައްޗަށް އެކުލެވޭ، 350 ރުފިޔާގެ އަގުހުރި މި ފޮތް ގަތުމަށް މިހާރު ވަނީ ޕްރީއޯޑަރަށް ހުޅުވާލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ހަފްލާ ބޭއްވުމަށް ފުރަތަމަ ހަމަޖެހުނީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ. އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރެއް ކަމަށްވާ ޝަމްޝުލްފަލާހް އެތަނުގައި ތަގުރީރުކުރެއްވުމަށް ހުއްދަ ދިނުމަށްފަހު، ތަން މަރާމާތުކުރާ ކަމަށް ބުނެ ފަހު ވަގުތު އެ ހުއްދަ ވަނީ ބާތިލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.