"ކްރިއޭޓަރ ހަބް" އިމާރާތް ނޮވެންބަރު 11 ގައި ހުޅުއްވަނީ

"ކްރިއޭޓަރ ހަބް" އިމާރާތް ނޮވެންބަރު 11 ގައި ހުޅުއްވަނީ

Author
ހުސައިން
07 ފެބްރުއަރީ 2026 06:02
0

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އިން މާލޭގައި ތަރައްޤީކުރަމުން އަންނަ "ކްރިއޭޓަރ ހަބް" އިމާރާތުގެ މަސައްކަތްތައް ނިންމައި، މިއަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި އިމާރާތަކީ ރާއްޖޭގައި އުފެއްދުންތެރި އިޤްތިޞާދެއް ނުވަތަ 'ކްރިއޭޓިވް އިކޮނޮމީ' އެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ކުރުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ބިނާކުރެވޭ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި އިމާރާތް ވެގެންދާނީ ބީ.ސީ.ސީ. އިން ކުދި ވިޔަފާރިތަކަށް ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ މަރުކަޒަކަށެވެ. މިގޮތުން ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތާއި، މަސައްކަތްކުރާނެ ޖާގަ ނުވަތަ ވޯކްސްޕޭސްގެ އިތުރުން، ދިވެހި އުފެއްދުންތައް ވިއްކުމަށް ޚާއްޞަ 'އޮތެންޓިކް މޯލްޑިވްސް' ގެ މާލެ އައުޓްލެޓްވެސް މި އިމާރާތުގައި ހުންނާނެކަމަށް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް އެއްކޮށް ނިންމައި، އާންމުންނަށް ޚިދުމަތް ދޭން ފެށުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.