ރަށްރަށުގައި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މުހިންމު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ނުހަނު ބޮޑަށް ބޭނުންވާކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަލާހް ވަނީ، މި އިންތިހާބުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭޕްރީލް ހަތަރު ވަނަ ދުވަހު ރައްޔިތުން ނުކުމެ ލާ ވޯޓަކީ، ރަށްރަށާއި ސިޓީތަކުގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ ނިންމުމެކެވެ. އެގޮތުން އެ ދުވަހު ރައްޔިތުން ގޮތް ނިންމާނީ، އަންނަން އޮތް ޖީލުތަކާއި ގައުމުގެ ކުރިއެރުމަށްޓަކައި ތަރައްގީގެ މަގުގައި ކުރިއަށްދާންތޯ ނުވަތަ މިހާރު އޮތް ހާލަތުގައި ތަރައްގީ މަޑުޖެހިފައި އޮތުމަށްތޯ ފަލާހް ސުވާލު އުފެއްދެވިއެވެ.
ކުޅުދުއްފުށީގެ ސިޔާސީ މާޒީއަށް ނަޒަރު ހިންގަވަމުން ފަލާހް ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީއްސުރެ އެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ އެމްޑީޕީގައެވެ. ނަމަވެސް، ހަގީގީ ތަރައްގީ ހޯދުމަށްޓަކައި މި ވިސްނުން ބަދަލުކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދޭނެ ބަޔަކު ކައުންސިލަށް ހޮވަންޖެހޭ ވަގުތު ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގެ ތަރައްގީ ހަލުވިކުރުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކައުންސިލެއްގެ މުހިންމުކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
މި އިންތިހާބުގެ ނަތީޖާއާ މެދު އޮތް އުންމީދު ހާމަކުރައްވަމުން ފަލާހް ވިދާޅުވީ، 80 އިންސައްތައަށް ވުރެ މަތީ ނަތީޖާއަކުން ޕީއެންސީން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މި ޔަގީންކަމުގެ އަސާސަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވައުދުތައް ފުއްދަވާ އަދި ނަތީޖާ ނެރެދެއްވާ ވެރިއެއްކަން ރައްޔިތުން ގަބޫލުކުރަމުންދާ ދިއުން ކަމުގައި ފަލާހް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ