ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ 230 ހެވީ މެޝިނަރީ ގެނައުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެކްސް.ސީ.އެމް.ޖީ އާއެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ އާރްޑީސީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ދެމެދު ޤާއިމުކޮށްފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. ޗައިނާގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް" ގެ ދަށުން މެޝިނަރީ ފޯރުކޮށްދޭނީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ އެކްސް.ސީ.އެމް.ޖީ އިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް އެޅުނު މި ފިޔަވަޅުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ 230 އުޅަނދުގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ އަސްފަލްޓް މެޝިނަރީތައްވެސް ހިމެނެއެވެ.
ހަމައެކަނި މެޝިނަރީ ގެނައުމުގެ އިތުރުން، މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްވެސް ވަނީ ރާވާފައެވެ. އެގޮތުން އެކްސް.ސީ.އެމް.ޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި މެޝިނަރީތަކަށް ޚިދުމަތްދޭނެ ސަރވިސް ސެންޓަރަކާއި، ސްޕެއަރ ޕާޓްސް ލިބެން ހުންނާނެ މަރުކަޒެއް ޤާއިމުކުރުމަށްވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. އަދި އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ ސައުތު އޭޝިއާގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ. އާރްޑީސީން ހާމަކުރާ ގޮތުގައި މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބި، މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ