ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ޑޮލަރުގެ އަދަދު 275 މިލިއަނަށް އަރާފައިވާ ކަމަށާއި، މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކުގެ ފައިސާ ދައްކާނީ އެ ފަންޑުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނު އިއްވަވަމުން ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޭރުގެ ދަރަނި ދެއްކުމަށް އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މިހިނގާ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑުގެ ކޭޝް ބެލެންސް 275 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ބޭރު ފައިސާއިން 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވުމާއެކު، އެސްޑީއެފްއަށް ޖަމާކުރާ ޑޮލަރުގެ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި ޑޮލަރު ހިފެހެއްޓުމަށާއި ފަންޑު މުއްސަނދިކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ އިތުބާރު ވެސް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު ދައްކާނީ އެސްޑީއެފްގައި ރައްކާކުރެވިފައިވާ ފައިސާއިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޭރުގެ ދަރަނިތައް އަދާކުރުމަށް އެ ފަންޑު ބޭނުންކުރުމަށް މެދު ރާސްތާގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދަރަނި ދެއްކުމަށް އިތުރު ލޯނު ނެގުން ހުއްޓާލައި، ޖުމްލަ ދަރަނި ދަށްކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ