ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރ ކަމުގެ މަޤާމުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނާ ބައްދަލުކުރައްވައި، ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޑރ. ޒާހިރު ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމާއި، އަތޮޅުތަކުގައި ސްކޫލްތައް ބިނާކުރައްވައި ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ރައީސް ތައުރީފު ކުރެއްވިއެވެ. އަދި ޑރ. ޒާހިރު ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ޚާއްޞަ ސިޓީފުޅެއް ވެސް ރައީސް ވަނީ އަރުވާފައެވެ.
މި ބައްދަލުވުމުގައި ޑރ. ޒާހިރު ވަނީ، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއްކަމަށް ވިދާޅުވެ، މި ސަރުކާރުން ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ތާޢީދުކުރައްވާފައެވެ. ދައުލަތަށް 49 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. ޒާހިރު ހުސައިނަކީ، އެޑިއުކޭޝަން މިނިސްޓަރުކަމާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަށް، ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މިދިޔަ އަހަރު ރައީސް މުޢިއްޒު ވަނީ އަރުވާފައެވެ.
ކޮމެންޓު ފޮނުވާ