ހުޅުމާލޭގައި ޤާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ އެކުއެޓިކްސް ކޮމްޕްލެކްސްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެ ވުޒާރާއިން ހާމަކުރި ގޮތުގައި، މިވަގުތު ސައިޓުގައި އެންމެ ބާރަށް ކުރިއަށްދަނީ ކޮމްޕްލެކްސްގެ މައި ޕޫލް ރޭވުމުގެ މަސައްކަތެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ތަރައްޤީކުރާ މި މަރުކަޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާ ތަނެކެވެ. މިގޮތުން ފެތުމަށް ޚާއްޞަ ޕޫލަކާއި ޑައިވިންގ ޕޫލެއް މިތަނުގައި ހިމެނޭއިރު، ކުޅިވަރުގެ ފޯރި ނަގާލުމަށް ވަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަންޒަރު ބަލާލެވޭނެހެން 1200 މީހުންގެ ޖާގައިގެ ސިޓިންގ އޭރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހުންނާނެއެވެ.
މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ހަމައެކަނި ޕޫލްތަކެއްގެ މައްޗަށް އެކުލެވޭ ތަނެއްގެ ގޮތުގައެއް ނޫނެވެ. މީގެ އިތުރުން ޒަމާނީ ފެންވަރުގެ ޖިމަކާއި، އެކި ކަންކަމަށް ބޭނުންކުރެވޭނެ މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރެސްޓޯރެންޓްތަކާއި އެހެނިހެން ޚިދުމަތްތައް ވެސް އެއް ފުރާޅެއްގެ ދަށުން މިތަނުން ލިބެން ހުންނާނެއެވެ. ދިވެހި ސަރުކާރާއި ސްވިމިންގ އެސޯސިއޭޝަން އަދި އަމިއްލަ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢު ނިމުމުން، މިއީ ރާއްޖޭގެ ފެތުމުގެ ކުޅިވަރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ