އެމެރިކާއިން އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތައް ލިބެމުންދާތީ، އީރާނުން އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަކޮށް، 1,000 ޑްރޯން ތައްޔާރީ ހާލަތަށް ގެނެސްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އަރުމާޑާ" އެއްގެ ގޮތުގައި ސިފަކުރެއްވި ޔޫއެސްއެސް އެބްރަހަމް ލިންކަން މަނަވަރު އިސްވެ އޮންނަ އަސްކަރީ ފައުޖުތައް އީރާނުގެ ކަނޑުގެ ސަރަހައްދާ ކައިރީގައި ހަރަކާތްތެރިވަމުންދާއިރު، އީރާނުގެ އަސްކަރީ އަދި ސިޔާސީ ލީޑަރުން ގެންދަވަނީ ގައުމު ދިފާއުކުރުމަށް "200 އިންސައްތަ" ތައްޔާރަށް ތިބިކަމުގެ ވަރުގަދަ މެސެޖުތައް ދުނިޔެއަށް ދެމުންނެވެ.
އީރާނުގެ އަސްކަރިއްޔާއިން އަލަށް ޚިދުމަތަށް ނެރުނު ސްޓްރެޓީޖިކް ޑްރޯންތަކުގެ ތެރޭގައި އަމިއްލައަށް ގޮވާ "ސުއިސައިޑް" ޑްރޯންތަކާއި، ޖާސޫސީ މައުލޫމާތު ހޯދުމަށާއި ސައިބަރ ހަނގުރާމައަށް ބޭނުންކުރެވޭނެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އުޅަނދުތައް ހިމެނެއެވެ. އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ބުނާ ގޮތުގައި އެމެރިކާއާއި އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާ ދިނުމުގެ ފުރިހަމަ ގާބިލުކަން އެ ފަރާތްތަކަށް ލިބިގެންވެއެވެ. އީރާނުގެ މަޝްވަރާ ޓީމުގެ އިސް މެންބަރެއް ކަމަށްވާ ކާޒިމް ގަރީބާބާދީ ވިދާޅުވީ، މިދިޔަ ޖޫން މަހު މަޝްވަރާތައް ފެށެން އުޅެނިކޮށް ވެސް އެމެރިކާއާއި އިސްރާއީލުން ހަމަލާދީފައިވާތީ، މިވަގުތު ތެހެރާނުގެ އިސްކަމަކީ މަޝްވަރާކުރުން ނޫން ކަމަށާއި، އިސްކަންދެނީ ދިފާއީ ކަންކަމަށް ކަމަށެވެ.
ސަރަހައްދީ މަސްރަހު ފިނިކުރުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ތުރުކީއަށް ވަޑައިގެން މަތީ ފަންތީގެ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އަދިވެސް ވަރަށް ބޮޑެވެ.
ސަރުކާރާއި އަސްކަރިއްޔާއިން ހަނގުރާމައަށް ތައްޔާރުވަމުންދާއިރު، އީރާނުގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މިދިޔަ ޖޫން މަހުގެ ހަމަނުޖެހުންތަކާއި ފަހުގެ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މަރުވެ، ގިނަ ސަރަހައްދުތަކުން އިންޓަނެޓް ކެނޑިފައިވުމުން ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކާބޯތަކެތި ލިބުން ދަތިވެދާނެތީ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ބޯޑަރު ސަރަހައްދުތަކުގެ ގަވަރުނަރުންނަށް ޒަރޫރީ ތަކެތި އިމްޕޯޓްކުރުމުގެ ބާރު ދެއްވާފައެވެ. އަދި ތެހެރާނުގެ މޭޔަރު ބިންގަރާސްތައް ހަދާނެ ކަމަށް ވައުދުވި ނަމަވެސް، އެ މަޝްރޫއު ނިމެން އަހަރުތަކެއް ނަގާނެތީ، ކުއްލި ހަމަލާއެއް އަތުވެއްޖެނަމަ ރައްކާތެރިވާނެ ތަނެއް ނެތްކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ