އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 2،000 އަށްވުރެ މައްޗަށް އަރައިފި

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 2،000 އަށްވުރެ މައްޗަށް އަރައިފި

Author
އަލީ ރައޫފް
14 ޖެނުއަރީ 2026 09:36
0

އީރާނުގައި މިހާރު ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ޤައުމުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން ހާމަކޮށްފައިވަނީ އެމެރިކާގައި ހިންގާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީންނެވެ.

އެ އެޖެންސީން ބުނެފައިވާ ގޮތުގައި އީރާނުގެ ސަރުކާރުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލައި މުވާސަލާތީ ގުޅުންތަކަށް ހުރަސްއަޅާފައި އޮތް ނަމަވެސް، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޭތުވެދިޔަ 17 ދުވަހުގެ ތެރޭގައި އެކަނިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 1،850 މީހުންނާއި، ސަރުކާރާއި ގުޅުންހުރި 135 މީހުން ހިމެނޭ ކަމަށް އެ އެޖެންސީން ބުނެއެވެ. މީގެ އިތުރުން މުޒާހަރާތަކުގައި ބައިވެރިނުވާ އާންމު ރައްޔިތުންގެ ތެރެއިންވެސް ބަޔަކު މަރުވެފައިވާކަން ރިޕޯޓުތަކުން ދައްކައެވެ.

މިކަމާ ގުޅިގެން އީރާނުގެ ސަރުކާރުގެ އޮފިޝަލަކު ވެސް ވަނީ މަރުވި މީހުންގެ އަދަދު 2،000 އަށް އަރާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޮފިޝަލް ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކާއި މީހުން މަރުވުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ "ޓެރަރިސްޓުން" ކަމަށެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މުޒާހަރާތަކުގައި މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރު ނުކުރެވުނު ނަމަވެސް، އީރާނުގެ ސަރުކާރުން މިކަމުގެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޓްރަމްޕް ވަނީ މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އީރާނުގެ ރައްޔިތުންނަށް ހިތްވަރު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.