ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. މި ހާލަތާ ގުޅިގެން މެދުރާއްޖެތެރޭގެ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 11:00އިން ހަވީރު 16:00އާ ދެމެދު އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ވިލާގަނޑުގައި ވައި ގަޑިއަކު 40 މޭލަށް ގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހާލަތުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫން ނަމަ، މި ވަގުތު ކަނޑުދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ