މަޝްހޫރު އައިއެޗުޖީގެ ވާގަލި މޯލްޑިވްސް އަންނަ އަހަރު ހުޅުވަނީ

މަޝްހޫރު އައިއެޗުޖީގެ ވާގަލި މޯލްޑިވްސް އަންނަ އަހަރު ހުޅުވަނީ

Author
އަހުމަދު
10 ޑިސެމްބަރ 2025 12:10
0

ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ ގްރޫޕުތަކުގެ ތެރެއިން އިންޓަ ކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗުޖީ)ގެ ވިންޔެޓް ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހަދާ އާ ރިސޯޓެއް ހުޅުވަން ނިންމައިފިއެވެ. ކ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ވާގަލި މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހު ކޮޅު އަށެވެ.

އައިއެޗުޖީން ރާއްޖޭގައި މިހާރު ވެސް ހަ ރިސޯޓު އޮޕަރޭޓު ކުރެއެވެ. އޭގެ ތެރޭގައި ސިކްސް ސެންސަސް ލާމު، ސިކްސް ސެންސަސް ކަނުހުރާ، އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް އަދި ހޮލިޑޭއިން ހިމެނެއެވެ. ވިންޔެޓް ކަލެކްޝަންގެ ދަށުން ވެސް ނ. އަތޮޅުގައި ނޮކޫ މޯލްޑިވްސް ރިސޯޓު މިހާރު ހިންގަމުން ދެއެވެ.

ވާގަލި މޯލްޑިވްސްގައި ޖުމްލަ 52 ވިލާ ތަރައްގީ ކުރާއިރު، އޭގެ ތެރޭގައި މޫދު ކޮޓަރިތަކާއި ބީޗު ވިލާތަކާއި އެކު އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ޕޫލް ވިލާތައް ވެސް ހިމެނޭނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗުގައި 30 މިނެޓުން ދެވޭ މި ރިސޯޓު އޮންނާނީ ކ. އަތޮޅުގައި ފާހަގަކުރެވޭ ގިނަ ޑައިވް ސްޕޮޓުތައް ހިމެނޭ ސަރަހައްދުގައެވެ.

ރިސޯޓުގައި ގުދުރަތީ އަންޑާ ވޯޓާ ކޭވްސްތައް ހުންނާނެއެވެ. މީގެ އިތުރުން، މުރަކަ އިންދައި އާލާކުރުމުގެ މަސައްކަތް ވެސް ރިސޯޓުން ކުރިއަށްގެންދާނެއެވެ. އެކުއާ ވެލްނެސް ފެސިލިޓީ އަދި ޕްރޮގްރާމުތަކާ އެކު ސްޕާއާއި، ސްޕޯޓްސް ކޮމްޕްލެކްސް، ޕެޑަލް ކޯޓް، ކިޑްސް ކްލަބް އަދި ކެއިންބުއިމަށް 5 ރެސްޓޯރެންޓް ރިސޯޓުގައި ހިމެނޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.