އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވި ވާހަކަތަކަކީ މުޅި މަންޒަރުގެ އެއްބައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ހުރިހާ ތަފްސީލެއް ހާމަ ނުކުރައްވާ މަޑުކުރައްވަނީ މަސްލަހަތަށް ވިސްނަވާފަ ކަމަށް ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އެހާރާއި މިހާރުގެ ލީޑަރޝިޕްގެ މެންބަރުން ތިއްބެވި ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
މިއީ އެންމެން އެކުގައި ޕާޓީއަށް އައިސް ކުރިއަށް ދާންވީ ވަގުތު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، އެމްޑީޕީ ޚަރާބުކުރީ ރައީސް ސޯލިހާއި އެބޭފުޅާގެ އަރިސް ބޭފުޅުން ކަމަށް ރައީސް ނަޝީދު އެގްރޫޕުގައި ވިދާޅުވެފައިވެއެވެ. ދެން ރަނގަޅުވާނީ ރައީސް ނަޝީދާއި ރައީސް ސޯލިހު 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިހާރު ޗެއަރޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދާއެކު ވީ އެއްބަސްވުމާއި އެއްގޮތަށް ނުދިއުމާއި ގުޅިގެން އެތައް އަހަރެއްގެ އިސްލާހީ މަސައްކަތް ބޭކާރުވެ ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ގެއްލުނު ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ހަލަބޮލިކަން އުފެދިފައިވާއިރު، ފައްޔާޒް ވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ތާއީދު ކުރައްވަމުން ގެންދަވަނީ ފައްޔާޒު އަށެވެ.
ކޮމެންޓު ފޮނުވާ