ފިރިހެނުން އަންހެން ހެދުން ލުމަކީ ﷲ ގެ ލައުނަތް ހުރި ކަމެއް ކަމަށް އިސްލާމް ދީނަށް ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އުޅުއްވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮލިމްޕަހުގައި އެޅުވި "ލިލީ" ފިލްމްގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ހެދުން އަޅައިގެން ދިޔަ ފިރިހެނެއްގެ މައްސަލަ މީޑިއާގައި ހޫނުވެފައި ވަނިކޮށް އަލީ ރަމީޒު ވަނީ މިކަން ކުށްވެރި ކުރައްވާފައެވެ.
އަލީ ރަމީޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފިރިހެނުން އަންހެން ހެދުން ލުމަކީ ކޫލް ކަމެއް ނޫން ކަމަށާއި އެއީ ﷲ ގެ ލައުނަތް ހުރި ކަމެއް ކަމަށް ބުނެފައެވެ. އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާހިޝް ކަންތައްތައް ފާޅުގައި ފަތުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންގެ ކިބައިން އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް އެދިވަޑައިގެންފައެވެ. ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ގައުމަކަށް ވުމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކު އުފަލާ އެކު ކުރަން ވާނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ