ސައުތު އެފްރިކާއިން ފެނިފައިވާ، އާދަޔާ ޚިލާފަށް ފަސޭހައިން ގައިން ގަޔަށް ފެތުރޭ، ކޯވިޑް19ގެ އާ ވައިރަހާ ދެކޮޅަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައް މައްސައްކަތް ނުކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް އިގިރޭސިވިލާތުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
"ސައުތު އެފްރިކާއިން ކޯވިޑް19ގެ އާ ވޭރިއަންޓަކީ ސިއްޙީ މާހިރުންގެ ކަންބޮޑުވުން ހުރި ވޭރިއަންޓެއް، ސަބަބަކީ މި ވޭރިއެންޓް އާންމު ވެކްސިން މަސައްކަތް ކުރާގޮތަށް ނުކޮށްފާނެ ކަމަށް ސިއްޙީ މާހިރުން މިހާރު ގަބޫލު ކުރާތީ،" އިގިރޭސިވިލާތުގެ ޓްރާންސްޕޯޓު ސެކެޓްރީ ގްރާންޓް ޝެޕްސް އިގިރޭސިވިލާތުގެ އެލްބީސީ ރޭޑިއޯގައި ވާހަކަ ދައްކަވަމުން ވިދާޅު ވެފައި ވެއެވެ. "ސައުތު އެފްރިކާގެ ވޭރިއެންޓް – މިއީ ސައިންޓިސްޓުންގެ މެދުގަ އޮތް ވަރަށް ބޮޑު ކަންބޮޑު ވުމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އިގިރޭސިވިލާތުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ ކޮމެންޓު އައިސްފައި މިވަނީ، ދުނިޔޭގައި ކޯވިޑް ވެކްސިންތައް އުފައްދާފައިވާ ކުންފުނިތަކުން މިހާރު ބޭނުންކުރަމުންދާ ވެކްސިންތައް، އިގިރޭސިވިލާތުންނާއި ސައުތު އެފްރިކާއިން ފެނިފައިވާ އާ ސްޓްރެއިންތަކާ ދެކޮޅަށް މަސައްކަތް ކުރޭތޯ ބެލުމަށް ތަހުލީލުތައް ކުރަމުންދަނިކޮށެވެ.
އިގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފައިވަނީ، އެގައުމުން ފެނި، އަދި މިހާރު އިގިރޭސިވިލާތުގެ އެކި ހިސާބުތަކަށް ފެތުރިގެން ގޮސްފައިވާ ކޯވިޑް19ގެ އާ ވޭރިއަންޓާއި ދެކޮޅަށް އެގައުމުގައި ބޭނުންކުރަމުންދާ ވެކްސިންތައް މަސައްކަތް ކުރާކަމަށް ބެލެވޭ ކަމަށެވެ. މިވޭރިއަންޓް މިހާރުވަނީ އެމެރިކާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ފެނިފައެވެ.
އެހެންނަމަވެސް، ސައުތު އެފްރިކާއިން ފެނިފައިވާ ކޯވިޑް19ގެ އާވައްތަރުގައި، E484Kގެ ނަމުން ނަންދެވިފައިވާ، މުޅިން އާ މިއުޓޭޝަނެއް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ފެނިފައިވާތީ ސައިންސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމެރިކާގެ ބޭސް އުފައްދާ ކުންފުނި، ފައިޒާއާއި ޖަރުމަނުގެ ބައޯއެންޓެކްއިން ގުޅިގެން އުފެއްދި ކޯވިޑް19 ވެކްސިން، އިގިރޭސިވިލާތާއި އަދި ސައުތުއެފްރިކާއިން ފެނިފައިވާ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރޭތޯ ބެލުމަށް ހެދުނު ލެބޯޓްރީ ތަހުލީލުތަކުން، މިވެކްސިން މި އާވައްތަރުތަކާއި ދެކޮޅަށް މަސައްކަތް ކުރާކަމަށް ދައްކާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
އަދި، ޔަގީންކުރަންޖެހޭ މި ތަހުލީލުތަކުން ދައްކާގޮތުގައި، ވައިރަހުގެ ޕްރޮޓީންގައި N501Y މިއުޓޭޝަން ހިމެނޭ ވޭރިއަންޓުގެ ބާރު، ފައިޒާ ވެކްސިންގެ ސަބަބުން ނެތިގެން ދެއެވެ.
ފައިޒާ ކުންފުނީގެ އެންމެ އިސް ވައިރަސް ސައިންޓިސްޓު، ފިލް ޑޯމިޓްޒަރ ވިދާޅުވި ގޮތުގައި، "އެންމެ ބޮޑަށް ކަންބޮޑުވުން ހުރި ވޭރިއަންޓާއި ދެކޮޅަށް، ފައިޒާގެ ވެކްސިން މަސައްކަތް ކުރާކަމަށް ދެއްކުމަކީ އެންމެ ކުޑަމިނުން މިވަގުތަށް ލިބިގެން ދިޔަ ވަރަށްބޮޑު ހިންހަމަ ޖެހުމެއް،" ކަމުގައެވެ.
ހުރިހާ ވައިރަހަކީވެސް، އެކަކު ގައިން އަނެއްކަކު ގަޔަށް ފެތުރެމުން ދާއިރު، އަބަދުވެސް ކުދި ކުދި ބަދަލުތައް އަންނަމުންދާ އެއްޗެކެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެންމެ ފުރަތަމަ ފަހަރަށް ކޮރޯނާ ނޮވެލް ވައިރައް ޗާއިނާއިން ފެނުމާ ހަމައިން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދިޔަ ގޮތް ދެނެގަތުމަށް ސައިންވެރިން ބޭނުންކުރާ އެއް ވަސީލަތަކީ، ވައިރަހަށް އަންނަމުންދާ މިބަދަލުތަކެވެ.
ފައިޒާއިން މިހާތަނަށް ކޮށްފައިވާ ތަހުލީލުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ ތަފާތު 15 ވައްތަރެއްގެ މިއުޓޭޝަނާއި ދެކޮޅަށް އެކުންފުނިން ތައްޔާރު ކޮށްފައިވާ ވެކްސިން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް، އެކުންފުނިން ތަހުލީލު ކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ސައުތު އެފްރިކާއިން ފެނިފައިވާ E484Kގެ މިއުޓޭޝަން ހިމެނިފައެއް ނުވެއެވެ.
ފައިޒާ ކުންފުނީގެ ވެކްސިން ސައިންޓިސްޓް ޑޯމިޓްޒަރ ބުނެފައިވަނީ އެކުންފުނިން ދެން ތަހުލީލު ކުރުމަށް ހަމަޖެހިފައިވާ ލިސްޓުގެ އެންމެކުރީގައި ވަނީ ކޯވިޑް19 ވައިރަހުގެ މިއުޓޭޝަންގެ މިވާތުގެ ވޭރިއަންޓެވެ.
ވައިރަސްތަކަށް ދޭ ވެކްސިންތައް އާންމުކޮށް އުފައްދަނީ، ވައިރަހުގެ ޖެނެޓިކް ކޯޑުގެ ބައެއް ބައިތައް ބޭނުން ކޮށްގެންނެވެ. އަދި މިކޯޑުތަކަކީ، ވެކްސިނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކާ، ބަދަލު ގެނެވޭ ކޯޑުތަކެކެވެ. އެހެންނަމަވެސް، ވެކްސިންތަކަށް ބަދަލު ގެންނަން ޖެހިއްގެ ހާލަތެއްގައި، ވެކްސިންއަށް ހުއްދަ ދޭ މުވައްސަސާތަކުން ގަބޫލުކުރާ ޓެސްޓުތަކަކީ ކޮބައިކަމެއް އަދި ވެކްސިން އުފައްދާ ކުންފުނިތަކަށް ޔަގީންވެފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ