ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ޝާމިލުވާ 13 އިސްވެރިންގެ ނަންތައް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ޝާމިލުވާ 13 އިސްވެރިންގެ ނަންތައް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

Author
ހުސައިން
29 އޮކްޓޯބަރ 2025 01:47
0

ކުރީގެ ސަރުކާރުގައި ފެނަކަ ކޮޕަރޭޝަނުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ޝާމިލުވި އެ ކުންފުނީގެ ޕްރޮޖެކްޓް އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ 13 އިސްވެރިންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަތައް ބަލަން އުފެއްދި ސަބްކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހާމަކުރެއްވި ގޮތުގައި އެ ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއެކު، މި މައްސަލަތަކުގައި ޝާމިލުވާ އިތުރު ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ވެސް ހިމެނެއެވެ. އެގޮތުން ޕްރޮޖެކްޓު ޑިޕާޓްމަންޓުގައި އެކަނި މިކަމުގައި ޝާމިލުވާ 19 މުވައްޒަފުން ތިބިކަން ފާހަގަކުރެއްވިއެވެ. މި މުވައްޒަފުންގެ ތެރެއިން 65 މީހުން 2021 އާއި 2023 އާ ދެމެދު ފެނަކައިން ވަނީ ވަކިކޮށްފައެވެ.

ކޮމިޓީން ދިރާސާކުރަމުންދަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ތިން ހާއްސަ އޮޑިޓު ރިޕޯޓެވެ. އެއީ މުވައްޒަފުން ރެކްރޫޓުކުރުމާއި މުސާރައާ ގުޅޭ ރިޕޯޓާއި، މުދަލާ ހިދުމަތް ހޯދުމާ ގުޅޭ ރިޕޯޓާއި، އައްޑޫގައި ހިންގާ ބްރާންޗުތަކާ ގުޅޭ ރިޕޯޓެވެ. އެ ރިޕޯޓުތަކުން ދައްކާގޮތުގައި 2021 އިން 2023 ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވާއިރު، އޭގެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށެވެ.

ނާޒިމް ހާމަކުރެއްވި ގޮތުގައި ފެނަކައިގެ ފައިސާ ލޭޔާކޮށްގެން ހޯދާފައިވާ މުދަލުގެ މައުލޫމާތު ކޮމިޓީއަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ގދ. ރަށެއްގައި އިމާރާތްކުރަމުންދާ އިމާރާތެއްގެ މައުލޫމާތާއި، 6 މިލިއަން ރުފިޔާގެ ބޯޓެއްގެ މައުލޫމާތު ހިމެނެއެވެ. ކޮމިޓީން ނިންމާފައިވާ ގޮތުގައި ނޮވެމްބަރުގެ ޗުއްޓީ ކުރިން ޕްރިލިމިނަރީ ރިޕޯޓެއް ނެރެ، އިސްލާހީ ފިޔަވަޅު އެޅުމަށް ފެނަކައަށް ދެ މަސް ދުވަސް ދީ، ފެބްރުއަރީގައި އިތުރަށް ތަފްސީލީ ތަހުގީގު ކުރިއަށް ގެންދާނެއެވެ. މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މި މައްސަލައިގެ ތަހުގީގު ފަށަން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.