އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ދާރުލްއަރްގަމް ވަޤްފު އިމާރާތުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށެވެ. އެ ދުވަހު އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ބަޔަކާއެކު ސޮއިކުރައްވާނެ ކަމަށް މިނިސްޓަރު ހާމަކުރައްވާފައި ވެއެވެ.
މި ވަޤްފު އިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ އިސްލާމިކް ވަޤްފު ފަންޑަށް ލިބޭނެ ކަމަށް ޑރ. ޝަހީމް ވަނީ ލަފާކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުން ހުޅުމާލޭގައި ދާރުއްސަލާމްގެ ނަމުގައި އަލަށް ވަޤްފު އިމާރާތެއް އެޅުމަށް ވެސް ނިންމަވާފައިވާއިރު، އެ އިމާރާތުން އަހަރަކު 50 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި ވަޤްފު އިމާރާތްތައް އެޅުމަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯނެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ދައުރުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މި ވަޤްފު އިމާރާތްތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ