ދ. އަތޮޅު ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްއާ ދެކޮޅަށް ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ބަލައި ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
އަމިއްލަ ފަރާތަކުން މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި، އަތޮޅު ކައުންސިލްގެ މިދެ އިސްފަރާތުން ވަޒީފާއަށް އެމީހުން ބޭނުންވާ މީހުން ނޫން މީހުން ނުނަގާ ކަމުގެ ތުހުމަތާއެކު، ކައުންސިލް ބަޖެޓުން ހިނގަމުންދާ އަހަރަށް ރާވާފައި ނުވާ ކަންކަމަށް ހަރަދުކުރުމުގެ ތުހުމަތު ކުރެވިފައިވެއެވެ. އެގޮތުން، އަމިއްލަ ބޭނުންތަކަށް މާލެއަށް ދަތުރުކޮށް ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ދައްކައި ކޮއްތާއި ހުރުމުގެ އެލަވަންސް ނެގުން، އަތޮޅު ކައުންސިލްގެ ރަށެއްގެ 21 އަހަރުގެ ކުއްޔެއް އެއްފަހަރާ ނަގައި އަމިއްލަ މަންފާއަށް ކުއްޔަށް ދިނުމާއި، ހޮޅުވެހި ފަޅުރަށް ގާނޫނާ ހިލާފަށް 10 އަހަރަށް ކުއްޔަށް ދިނުމަކީ ހިމެނޭ ތުހުމަތުތަކެކެވެ. ހަމައެއާއެކު، އަތޮޅު ލޯންޗު އަމިއްލަ މަންފާތަކަށް ބޭނުންކުރާ ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ މަޝްވަރާކުރުމަށްފަހު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި މި ހުށަހެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ތާއީދުކުރެއްވުމުން، ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ