މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
13 އޮކްޓޯބަރ 2025 10:42
0

މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިއަދު ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފި އެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.

ފުލުހުން ބުނީ ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވުމާ އެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ވެސް ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި ކަނޑުދަތުރުކުރާ މީހުން މޫސުމީ އިންޒާރުތަކަށް ހާއްސަ ސަމާލުކަމެއް ދީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދިފައިވެ އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 12 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ހުރިހާ ހިސާބަކަށް ވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެދާނެ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިރޭން ފެށިގެން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

ވާރޭ ވެހޭ ވަގުތު މަގުމަތި ތެމުމާއި ދުރު ފެންނަ މިންވަރު ކުޑަވެގެން އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވާތީ އެއްގަމުއުޅަނދު ދުއްވާ މީހުން ސަމާލުވުމަށާއި ވައި ބާރުވެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. މޫސުމާ ގުޅިގެން ކުރިމަތިވެދާނެ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން ވަނީ ކަމާބެހޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ. ކުއްލި ހާލަތެއް ކުރިމަތިވެއްޖެ ނަމަ 911 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.