ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ދަރިވަރުންނަށް ހިލޭ ގުރުއާން ކިޔަވައިދޭނެ ނިޒާމެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ. 37 ވަނަ ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މަގްސަދު ހާސިލްކުރުމަށް ހާއްސަ ފަންޑުތަކެއް ގާއިމްކުރާނެ ކަމަށެވެ.
އެ ފަންޑުތަކުގެ އެހީގައި އަމިއްލަ ފަރާތްތަކުން ހިންގާ ގުރުއާން ކްލާސްތަކަށް މާލީ ސަހާޔަތު ފޯރުކޮށްދީ، ދަރިވަރުން ލާރި ދައްކައިގެން ގުރުއާން ކިޔަވަން ޖެހުން ނިމުމަކަށް ގެނެސްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުގެ ވެރިކަމުގައި 500 ހާފިޒުންނާއި 1000 ހަތީބުން ތަމްރީނުކުރުމާއި، ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި، ހާއްސަ ވަގުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކުރުމަށް އިސްލާމިކް މިނިސްޓްރީން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ