ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކުގެ ތެރޭގައި، ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި މަހާޒު އަލީ ޒާހިރުގެ ނަން ހިމެނޭކަން ހާމަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ހަތް ބޭފުޅެއްގެ ނަން ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ފޮނުއްވާފަ އެވެ. މި ނަންތަކުގެ ތެރޭގައި މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު މަހާޒު އަލީ ޒާހިރު ވެސް ހިމެނިވަޑައިގަންނަވާކަން އެނގިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމާއެކު، ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި ރައީސް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މި ނަންތައް ކޮމިޓީ މަރުހަލާގައި ދިރާސާކުރުމަށްފަހު، މަޖިލީހުގެ ރުހުން ހޯދުމަށް ފްލޯއަށް ހުށަހެޅޭނެ އެވެ.
މަހާޒު އަލީ ޒާހިރުގެ ނަން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފޮނުއްވުމަކީ، ސުޕްރީމް ކޯޓުން ވަކިކުރެވުނުތާ ކުޑަ މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ އެހެން މުހިންމު މަގާމަކަށް އެމަނިކުފާނު ނަން ފޮނުއްވުން ކަމުން، މި ނިންމުމާ ގުޅިގެން އެކި ފަރާތްތަކުން ޚިޔާލު ފާޅުކުރަމުން ގެންދާކަން ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ