މީޑިއާ ބިލާ ދެކޮޅަށް އިހުތިޖާޖުން ހައްޔަރުކުރި ނޫސްވެރިޔާ ދޫކޮށްލައިފި

މީޑިއާ ބިލާ ދެކޮޅަށް އިހުތިޖާޖުން ހައްޔަރުކުރި ނޫސްވެރިޔާ ދޫކޮށްލައިފި

Author
އަހުމަދު
16 ސެޕްޓެމްބަރ 2025 07:03
0

ރައްޔިތުންގެ މަޖިލީހުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ބޭރުކުރުމަށް ގޮވާލާ ނޫސްވެރިން ކުރަމުންގެންދާ މުޒާހަރާގައި ބައިވެރިވުމުން ހައްޔަރުކުރި ނޫސްވެރިޔަކު މިރޭ ވަނީ ދޫކޮށްލައިފައެވެ.

އަދަދު ނޫހުގެ ނޫސްވެރިޔާއާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު ލީވާން އަލީ ނާސިރު މިއަދު ހަވީރު ދޫކޮށްލުމަށްފަހު، މިރޭ އޭނާގެ ބަންދު ވަނީ ކުރިއަށް ނުގެންދިއުމަށް ނިންމައިފައެވެ. އެހެންނަމަވެސް، މުޒާހަރާގައި ބައިވެރިވި އާންމު ފަރާތެއް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ފާހަގަކުރެވެއެވެ.

މިއަދު ހެނދުނުން ފެށިގެން ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި ފެށި މި އިހުތިޖާޖުގައި ނޫސްވެރިންނާއެކު އާންމުންވެސް ވަނީ ބައިވެރިވެފައެވެ. ފުލުހުން މުޒާހަރާކުރާ ފަރާތްތައް މަޖީދިއްޔާ ސްކޫލު ކައިރިއަށް ފަސްޖެހުމަށް މަޖުބޫރުކުރި ނަމަވެސް، ނޫސްވެރިންގެ ފަރާތުން ގެންދާ އިހުތިޖާޖު ދަނީ ކުރިއަށެވެ.

މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ދަނީ ހަލުވި ކަމާއެކު ކުރިއަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ބިލު ފުރަތަމަ ފަހަރަށް ފާސްކުރުމަށްފަހު، މިއަދު އަލުން ބައްދަލުވުމެއް ބާއްވައި، ކައުންސެލް ޖެނެރަލް ހުށަހެޅި އިސްލާހުތަކާއެކު ބިލު އަލުން ވަނީ ފާސްކޮށްފައެވެ. މިހާރު ދައުރުން ބޭރު ޚާއްސަ ޖަލްސާއެއްގައި ބިލު ފާސްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

މީޑިއާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކަލެއް ކަމަށް ބުނެ، ނޫސްވެރިންނާއި މީޑިއާ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބިލު ފާސްވެއްޖެނަމަ މީޑިއާގެ މިނިވަންކަމަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.