ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރުމަށް ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ފުޅާ ބާރުތަކެއް ދިނުމަށް ހުށަހެޅުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލެވޭނެއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު ފާސްވީ މިއަދު ހަވީރު ބޭއްވުނު ދައުރުން ބޭރު ޖަލްސާގައި 61 މެންބަރުންގެ ވޯޓުންނެވެ. މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރުމުގެ ފުރުސަތު މެންބަރުންނަށް ދެވުނު ނަމަވެސް، އެމްޑީޕީގެ މެންބަރުން ޖަލްސާ ފެށުނީއްސުރެ ރިޔާސަތުގެ ކުރިމައްޗަށް ނިކުމެ އިހުތިޖާޖު ކުރިއެވެ.
ޖަލްސާގައި ތަޅުމުގައި މަޖިލިހުގެ ގަވާއިދާ ޚިލާފް ވުމުގެ ސަބަބުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ތަޅުމުން ނެރުނެވެ.
ބިލަށް ބަހުސްކުރި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ބިލަކީ މީޑިއާތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު ބިލެކެވެ. އަދި މި ބިލުގެ ސަބަބުން ދޮގު މައުލޫމާތު ފަތުރުވުން ހުއްޓުވައި، މީޑިއާތައް ރެގިއުލޭޓް ކުރެވި، މުޖުތަމައުއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވިއެވެ.
ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތުގައި، މީކާއީލް ނަސީމް ދެ އިސްލާހެއް ހުށަހެޅި ނަމަވެސް، މެންބަރު ތަޅުމުން ބޭރުކޮށްފައިވާތީ އެ އިސްލާހުތަކަށް ވޯޓަށް ނާހައެވެ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅި ހަތަރު އިސްލާހު ޖަލްސާގައި ފާސްވިއެވެ.
މި ބިލުގެ ދަށުން އުފެދޭ އައު ކޮމިޝަނަށް މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ފުޅާ ބާރުތަކެއް ލިބިގެންދާނެއެވެ. އަދި މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތައް މި އައު ކޮމިޝަނަށް ބަދަލުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ