ރައްޔިތުންގެ މަޖިލީހުން މީޑިއާ ބިލު ފާސްކުރުމާއި ދެޖޮޅަށް ނޫސްވެރިން މިއަދު ހެނދުނު 8:30 ގައި މަޖިލީހުގެ ކުރިމަތީގައި މުޒާހަރާކުރަން ފެށިއެވެ. އެކި މީޑިއާތަކުގެ ނޫސްވެރިން މަޖިލިސް ދޮށުގައި އެއްވެ، ބިލާ ދެކޮޅަށް ޝިއާރު ކުރަމުން ދިޔަ ނަމަވެސް، ފުލުހުން ވަނީ ބެރިކޭޑު ޖަހައި ނޫސްވެރިން ދުރަށް ފޮނުވާލާފައެވެ.
މިވަގުތު މަޖިލީހަށް ވަދެވޭ ހުރިހާ މަގުތަކެއް ފުލުހުން ބަންދުކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން މަޢުލޫމާތު ދެއެވެ. އަރަބިއްޔާ ސްކޫލާ ދިމާލުން މަޖިލީހުގެ އިދާރާ ކައިރީގައި މީޑިއާގެ މީހުންނާއި އާންމުން އެއްވެ އަޑު އުފުލަމުން ދާއިރު، ފުލުހުން އެ މީހުން ސަރަހައްދުން ބޭރުކުރަން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ބޭރުކުރެވޭ މީހުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންނާއި އާންމުން ހިމެނެއެވެ.
ދައުރުން ބޭރުގައި ބާއްވާ މިއަދުގެ ޖަލްސާ ފެށޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ތާވަލުކޮށްފައިވަނީ ހަވީރު 4:00 ގައެވެ. އެހެންނަމަވެސް ޖަލްސާގެ އެޖެންޑާ އަދި އާންމުކޮށްފައެއް ނުވެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލަކީ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން އިސްކަންދޭ ބިލެކެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ މި ބިލު ދިރާސާކޮށް ނިންމި ނަމަވެސް، ނޫސްވެރިންނާއި މީޑިއާ ޖަމިއްޔާތަކުން ބިލަށް ކުރާ އިންތިގާދުތައް ދަމައިގަނެވިފައެއް ނުވެއެވެ.
ބިލު ބޭރުކޮށްލުމަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ރައީސަށާއި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުނެވެ. އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި ބައިނަލްއަގްވާމީ 21 ޖަމިއްޔާއަކުން ބިލު ބޭރުކުރުމަށް ގޮވާލާފައިވެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ “ރިޕޯޓާސް ވިތައުޓް ބޯޑާސް” އިން ވެސް ވަނީ މި ބިލަކީ މިނިވަން މީޑިއާއަށް ނުރައްކަލެއް ކަމަށް ބުނެފައެވެ.
ނޫސްވެރިންގެ މި ކަންބޮޑުވުންތަކާ ޚިލާފަށް ސަރުކާރުން ބުނަނީ ކޮމިޓީން ބިލު ފާސްކުރީ ނޫސްވެރިން އެދުނު އިސްލާހުތަކާއެކު ކަމަށެވެ. މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމަށް ބިލުން ހުރަސް ނޭޅޭނެ ކަމަށް ސަރުކާރުން ދައްކާ ވާހަކައަކީ، ނޫސްވެރިން ގަބޫލުނުކުރާ ވާހަކައެކެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި މި ބިލަށް ވޯޓު ނެގުމަކީ އެންމެ ބޮޑު އިހްތިމާލުކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ