ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލާ ދެކޮޅަށް މިއަދު ހެނދުނު މަޖިލިސް އިދާރާދޮށުގައި އަދިވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ. މި މުޒާހަރާ ފެށިފައިވަނީ މިއަދު ހެނދުނު 8:10 ގައި ކަމަށް އެނގިފައިވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، މީޑިއާތައް ރެގިއުލޭޓް ކުރުމަށް އާ ކޮމިޝަނެއް އުފެއްދުމަށް ހުށަހެޅިފައިވާ މި ބިލުގައި އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދޭގޮތަށް ހަމަޖެހިފައިވާތީ، ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މުޒާހަރާގައި ބައިވެރިވެފައިވަނީ ހަމައެކަނި ނޫސްވެރިން ނޫން ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ގިނަ އަދަދެއް ވެސް ބައިވެރިވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މުޒާހަރާވެރިން އެންމެ ބޮޑަށް ގޮވާލަމުން ގެންދަނީ މި ބިލު ފާސްނުކޮށް މަޖިލީހުން ބޭރުކޮށްލުމަށެވެ.
މަޖިލީހުގެ ކޮމިޓީން އިއްޔެ މި ބިލަށް އިސްލާހުތަކެއް ގެނެސް ފާސްކޮށްފައިވީ ނަމަވެސް، އިސްލާހުކުރި ބިލު އަދި ފެންނަން ނެތް ކަމަށާއި، ދައުރުން ބޭރުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް ޖަލްސާގެ އެޖެންޑާ ވެސް އަދި ނުލިބޭ ކަމަށް ނޫސްވެރިން ބުނެއެވެ. މިކަމާ ގުޅިގެން މުޒާހަރާވެރިން ވަނީ އިތުރަށް ރުޅިގަދަވެ، އަޑު އުފުލަން ފަށާފައެވެ.
މުޒާހަރާ ކުރިއަށްދާ ސަރަހައްދު ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ބެރިކޭޑް ޖަހައި، ރައްޔިތުންގެ މަޖިލިސް ސަރަހައްދަށް ވަދެވޭނެ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. މިހާރު މުޒާހަރާ ވަނީ އިތުރަށް ވަރުގަދަވަމުން ކަމަށާއި، އިތުރު ނޫސްވެރިންނާއި އާންމުން އެ ސަރަހައްދަށް އަންނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ