މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، މީޑިއާތައް ރެގިއުލޭޓް ކުރުމަށް އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލު، އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި 13 އިސްލާހާއެކު މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅި އިސްލާހުތަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ތާއީދުކުރެއްވިއެވެ. މި އިސްލާހުތަކުގެ ތެރޭގައި ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން ހިމެނެއެވެ.
ބިލަށް ވޯޓަށް އެހުމުން ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ބިލަށް ތާއީދުކޮށް ވޯޓު ދެއްވިއެވެ. ނަމަވެސް ވޯޓު ނެގި ވަގުތު އެތަނުގައި ހާޒިރުވެ ތިބި ނޫސްވެރިންނާއި އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކުރަން ފެށުމުން ވޯޓުގެ ނަތީޖާ މިއަދު ރަސްމީކޮށް އިއުލާން ނުކުރެވުނެވެ. އެހެންނަމަވެސް، ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވީ، ބިލު ފާސްނުކުރަން ފެންނަ މެންބަރުން ތިއްބެވިތޯ ދެ ފަހަރެއްގެ މަތިން ވޯޓަށް އެއްސެވިއިރު، އެއްވެސް މެންބަރަކު އެގޮތަށް ވޯޓު ނުދެއްވާތީ ބިލު އިއްތިފާގުން ފާސްވީ ކަމަށެވެ.
ފާސްކުރެވުނު އިސްލާހުތަކުގެ ތެރޭގައި، ކޮމިއުނިކޭޝަން އާއި މީޑިއާގެ ޚިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ކޮމިޝަނުގެ މެންބަރުކަން ނުދެވޭނެ ކަމަށް ގާނޫނުގެ 18 ވަނަ މާއްދާގައި ހިމެނިފައިވެއެވެ. އަދި މަޖިލީހުން ކޮމިޝަނަށް މެންބަރުން ކަނޑައެޅުމުގައި އާންމުކޮށް އިއުލާންކުރުމަށްފަހު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށާއި، ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމިޝަނުގެ ރައީސް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ނައިބު ރައީސް އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ސިއްރު ވޯޓެއް ނަގައިގެން ކަމަށް އިސްލާހުކުރެވުނު ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފައެއް އުނިވެއްޖެނަމަ، 50 އިންސައްތަ މެންބަރުން ޕެޓިޝަނެއް ހުށަހަޅައިފިނަމަ، 14 ދުވަހުގެ ތެރޭގައި ވޯޓެއް ނަގައި އެ މެންބަރަކު ވަކިކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމެނިފައިވެއެވެ.
އިސްލާހުކުރެވުނު ބިލުގައި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ އަދިވެސް ހިމެނިފައިވާއިރު، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އުނިކުރެވިފައިވެއެވެ. އަދި ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމަށް ކޮމިޝަނުގެ ބޭރުން ވެސް މެންބަރުން އައްޔަން ކުރެވިދާނެ ގޮތަށް ބިލު އިސްލާހުކޮށްފައިވެއެވެ.
ވޯޓު ނިންމުމަށްފަހު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގޮތަށް، ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނަށް އިސްލާހުތަކާއެކު ފަރުވާ ލިބިފައިވާ ކަމަށް ނިންމައި، އެގޮތަށް އެންގުމަށް ކޮމިޓީން ނިންމިއެވެ.
ކޮމެންޓު ފޮނުވާ